އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން، ދިވެހިރާއްޖެއިންނާއި ހަންގޭރީއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގެ ދަށުން ދިވެހި ދަރިވަރުންނަށް ހަންގޭރީގެ ޔުނިވަރސިޓީތަކުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި ހަންގޭރީގެ ޚާރިޖީ ކަންކަމާއި ވިޔަފާރިއާބެހޭ ވަޒީރު ޕީޓަރ ސިޔަރޓޯއެވެ. މި ބައްދަލުކުރެއްވުން ބޭއްވިފައިވަނީ އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ތެރެއިންނެވެ.
ޚާރިޖީ ވުޒާރާއިން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި ފަހުމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، 2025 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރުކުވެސް 25 ސްކޮލަރޝިޕްގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ސްކޮލަރޝިޕްތައް ދިވެހިންނަށް ފަހިކޮށްދެނީ ހަންގޭރީގެ ސަރުކާރުން ކުރިއަށްގެންދާ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމް" ގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާޞިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި، ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ އިތުރުން ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހަންގޭރީ ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ފަހުމުނާމާއާއެކު ދިވެހި ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމަށް އިތުރު ބޮޅެއް އިތުރުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.