-1767043350252.webp)
ކުރިއަށްއޮތް ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން، އެފަރާތްތަކުގެ ވެކްސިން ފުރިހަމަކޮށް ނިންމުމަށް ދަމަނަވެށިން އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސް ކޮށްފައިވަނީ ކުރިއަށްއޮތް ރަމަޟާންމަހަށް އުމްރާއަށް ދިއުމަށް ރާވާފައިވާ ފަރާތްތަކުގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
ދަމަނަވެށިން މިކަމަށް އިލްތިމާސްކޮށްފައިވަނީ އާއްމުކުރި ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުން، ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ހަމަކުރަން ޖެހޭނެއެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހުގެ ކުރިން ވެކްސިން ފުރިހަމަކޮށް ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެއްވެސް ސަބަބަކާ ހުރެ ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކަށް ވެސް ފަސޭހަކޮށްދިނުމުގެ ގޮތުން، ދަމަނަވެށިން ވަނީ ޚާއްސަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން، ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ދަމަނަވެށިން ބުނެއެވެ.
ޢުމްރާ ވެކްސިން ފުރިހަމަކުރުމަށް ދަމަނަވެއްޓަށް އަންނައިރު، އައިޑީ ކާޑު، ޕާސްޕޯޓް އަދި ވޭތުވެދިޔަ 5 އަހަރު ޙައްޖު ނުވަތަ ޢުމްރާއަށް ދިއުމަށް ވެކްސިން ޖަހާފައިވާނަމަ، ވެކްސިން ޖެހި ކާޑު ގެންނަން ޖެހެއެވެ. މީގެ އިތުރުން ކުޑައިރުގެ ވެކްސިން ކާޑު އޮތްނަމަ އެ ވެސް ގެނައުމަށް ދަމަނަވެށިން ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއިން ގިނަ އަދަދެއްގެ މީހުން އުމްރާވުމަށް ދާނެކަމަށް ބުނެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވެފައިވަނީ، މިހާރު ކުރިއަށްދާ ޑިސެމްބަރުމަހާއި ކުރިއަށްއޮތް ޖެނުއަރީމަހުގެ ތެރޭގައި އުމްރާގެ އަޅުކަން އަދާކުރުމަށް 7،000 ހަށްވުރެ ގިނަ މީހުން މައްކާއަށް ދަތުރުކުރާނެ ކަމަށެވެ. މީގެ ކުރީއަހަރުތަކާ ޚިލާފަށް މިފަހަރުގެ ސްކޫލް ބަންދު ޑިސެމްބަރާ ދިމާވުމުން ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރާކަން ފާހަގަކޮށްލެވެއެވެ.